• ތަރަހައަކީ
ތަރަހަ
  • ތަރަހަ
  • މައްސަލަ އާއި ޙައްލު
    • ކާމިޔާބާއި ކުރިއެރުން
    • ޘަޤާފަތާއި ފިކުރު
    • ބާއްޖަވެރި ޢާއިލާ
    • ނަފްސުގެ ޠަހާރަތު
    • އިސްލާމީ ޙަރަކާތް
  • ސިޔާސީ
  • ދިރާސާ
    • ޢަޤީދާ
    • އަޅުކަން
    • މުޢާމަލާތް
    • އަޚްލާޤް
    • ދީނުގެ އަސްލުތައް
    • ޤާނޫނީ
    • ޝަރީޢަތާއި އިންސާނިއްޔަތު
  • ހާސަރު
    • އަބޫ ޖޯޝް
    • ނަބީލް
    • ޝަމީން
  • ވާހަކަ
  • ޅެން
  • ފޮތްތައް
    • މުފައްކިރަކު އުފެއްދުން
    • މުސްލިމަކަށް ނޭންގުން ނޭކަށޭ ކަންކަން
    • ފިޤުހުގެ ތާރީޚު
    • އިސްލާމީ ހޭލުންތެރިކަން މިއަދު
    • ދަތި ނުކުރާށެވެ. ފަސޭހަ ކުރާށެވެ.
    • ތިން އަސްލު: ޝަރަޙަ
    • އިސްލާމީ ހަރަކާތްތެރިންނާއެކު މުސްތަޤްބަލަށް
Showing posts with label ކާމިޔާބާއި ކުރިއެރުން. Show all posts
ލިޔުއްވީ:ޑރ.ޢަބްދުލްކަރީމް ބައްކާރު
ތަރުޖަމާ: ޝިފްޒާން އަޙްމަދު

މުފައްކިރަކު ބިނާކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާނަމަ، އެންމެ ފުރަތަމަ މުފައްކިރަކީ ކޮބައިކަން ދެނެގަތުން ލާޒިމެވެ. އަޅުގަނޑުމެންގެ ދަޢަވީ އަދި ޢިލްމީ ޙަޔާތުގައި ބޭނުންކުރާ މިފަދަ އެތައް މުޞްޠަލަޙުތަކެއް އެބަހުއްޓެވެ. އެއީ އުފެއްދުންތެރިކަމާއި ޢިލްމާއި މަޢުރިފަތުގެ މައިދާނުގައި މަސައްކަތްކުރައްވާ ޝަޚުޞިއްޔަތުތަކަށް އަޅުގަނޑުމެން ދޭ ބައެއްނަންތަކެވެ. މިފަދަ މުޞްޠަލަޙުތަކުގެ ތެރެއިން އެންމެ މުހިއްމު ބައެއް މުޞްޠަލަޙުތަކަކީ: ޢާލިމް، މުޞްލިޙު، ދާޢީ، މުތަޚައްޞިޞް، މުޘައްޤަފު، ފައިލަސޫފު ފަދަ ލަފްޒުތަކެވެ. އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވަން ބޭނުންވަނީ މިމުޞްޠަލަޙުތަކުގެ މެދުގައި ސާފު އިންތަކެއް ކަނޑައަޅައި ވަކިކުރުމަކީ އުދަގޫކަމެއްކަމުގައެވެ. އެއީ މައިގަނޑު ދެސަބަބަކަށްޓަކައެވެ. ފުރަތަމަ ސަބަބު: ސިކުނޑިއަށް އެއްޗެއްގެ ތަފްޞީލީ ޞިފަތަކަށް ބަލައިގެން އެއްޗަކާ މުޢާމަލާތްކުރުން ފަސޭހައެއްނޫނެވެ. އެއީ ޢަދަދުތަކާއި މިންވަރަށް ބަލައިގެން މުޢާމަލާތްކުރުމާ ޚިލާފަށެވެ. ދެވަނަ ސަބަބު: އިސްވެ މިދެންނެވި ހުރިހާ ލަޤަބުތަކަކީ ޢިލްމާއި އުގެނިގަތުމުގެ މައިދާނުގައި ޙަރަކާތްތެރިވާ ޝަޚުޞިއްޔަތުތަކަކަށް ބޭނުންކުރެވޭ ނަންތަކެކެވެ. އަދި އެހުރިހާ ފަރާތްތަކަކީވެސް ޙަޟާރަތާއި އިޞްލާޙާ ގުޅުންހުރި މުޞްޠަލަޙުތަކާއި (ޓާރމްސް)، މަފްހޫމާއި ފިކުރު ބޭނުންކުރާ ބައެކެވެ. އަދި ކަންކަން ހިގަމުން އަންނަ ގޮތް ނުވަތަ ވާޤިޢަށް ކޮންމެވެސް މިންވަރަކަށް ނަޤުދުކޮށް ފާޑު ކިޔާނެއެވެ. އެހެންކަމުން ކަވި ގޮތެއްގައި މިއިން ކޮންމެ ފަރާތެއްގެ ޞިފަތައް ކަނޑައަޅައި ތަޢުރީފުތަކެއް ދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި އެބާބުގެ ތެރެއަށް ފުންކޮށް ވަދެއްޖެނަމަ، އެވަދެވެނީ ހަރުކަށިކަމާއި ދަތިކަމުގެ ދޮރަކުންނެވެ. އެހެންކަމުން މިއިން ކޮންމެ މުޞްޠަލަޙަކަށްވެސް އަވަސް ގޮތަކަށް އަޅުގަނޑު ކުރުގޮތަކަށް އަލިއަޅުވައިލާނަމެވެ. އެއީ މުފައްކިރުގެ މާނަ ތަފްޞީލީ ގޮތެއްގައި ބަޔާންކުރަން ފެށުމުގެ ކުރިންނެވެ.

ހ. މުތަޚައްޞިޞް: 

އެއީ ޢިލްމުގެ ދަރިވަރުންކުރެ، އެމީހެއްގެ ޢުމުރުން ދުވަސްތަކެއް ވަކި ދާއިރާއެއްގެ ދިރާސާތައް ހެދުމުގައި ހޭދަކޮށްފައިވާ މީހެކެވެ. އަ ޅުގަނޑުމެން މިއަދު ތާރީޚުގެ މުތަޚައްޞިޞެއް ނުވަތަ ކެމިސްޓްރީގެ މުތަޚައްޞިޞެއްކަމުގައި ނޫންނަމަ ކަންކަން ހިންގުމުގެ މުތަޚައްޞިޞެއްކަމުގައި ބުނަނީ މިދެންނެވި އުޞޫލުންނެވެ.

ށ. ޢާލިމް:

ޢާލިމަކީ ވަކި ޢިލްމީ ތަޚައްޞުޞެއްގައި ކުރިއަރައިގެން ގޮސް އެދާއިރާގެ އެހެން މީހުންގެ މައްޗަށް ކުރި ހޯދާ، ނުވަތަ އެދާއިރާގެ އެންމެ މޮޅެތި މީހުންގެ ތެރޭގައި ހިމެނޭ މީހާއެވެ. އަދި ވަރަށް ގިނަ ހިސާބުތަކުގައި ޢާލިމް މިލަފްޒު ބޭނުންކުރެވެނީ ޝަރުޢީ ޢިލްމުތައް އުގެނިފައިވާ ފަރާތަކަށް ނިސްބަތްކުރުމުގައެވެ. އެހެނީ މިޒަމާނުގެ ކުރިއެރުންތައް ވާޞިލުވުމުގެ ކުރިން އުންމަތުގެ މުޘައްޤިފުންގެ ބޮޑު އިންސައްތައަކީ ދީނީ ދަންނަބޭކަލުންނެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ޢާންމު ގޮތެއްގައި ބުނެއުޅޭނި އެވެނި މީހަކީ ޝަރީޢަތުގެ ޢިލްމުވެރިއެކޭ ނުވަތަ ސައިންސްގެ ޢިލްމުވެރިއެކޭ މިފަދަ ގޮތަކަށެވެ. އެހެންކަމުން މިހާރު ޢާލިމަކީ އެމީހެއްގެ ތަޚައްޞުޞުގައި ފާހަގަކުރެވޭ މިންވަރަކަށް ކުރިއަށް ގޮސްފައިވާ މީހާއެވެ.

ނ. މުޞްލިޙު:

އަޚްލާޤީ ނުވަތަ އިޖުތިމާޢީ ނުވަތަ ސިޔާސީ އިޞްލާޙީ ފިކުރުތަކެއް އަދި ތަޞައްވުރުތަކެއްގެ ވެރި މީހެކެވެ. ގިނަފަހަރަށް އޭނާގެ ފިކުރުތަކުގައި ބަރޯސާވާނީ އޭނާގެ އުންމަތުގެ ޢަޤީދާއަށާއި ޘަޤާފަތުގެ މައްޗަށެވެ. މިދެންނެވި އުޞޫލުގެ މަތިން އަޅުގަނޑުމެންގެ އިސްލާމީ ތާރީޚުގައި އެބަޔަކަށް އަޅުގަނޑުމެން މުޞްލިޙުންގެ ލަޤަބު ދޭ ހުރިހާ ފަރާތްތަކެއް ނުކުމެގެން އައީ އިސްލާމީ ޢަޤީދާއިންނެވެ. އަދި އިސްލާމްދީނުގެ އަމިއްލަވަންތަކަމާއި އުޞޫލުތަކާއި އެދީނުގެ މަތިވެރި މަފްހޫމްތަކުންނެވެ. މުޞްލިޙަކީ ފިކުރުތަކެއްގެ ވެރި މީހެކެވެ. އެހެންނަމަވެސް ގިނަފަހަރަށް އޭނާއަކީ އެފިކުރުތައް އުފަންކުރާ ފަރާތެއް ނޫނެވެ. އަދި ވަކި ޢިލްމީ ނަޒަރިއްޔާތަކެއް އޭނާގެ ކިބައިގައި ނުހުންނާނެއެވެ. އޭނާގެ ކިބައިގައިވާ އިޞްލާޙީ ތަޞައްވަރާއިގެން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާނެއެވެ. އޭނާގެ ފިކުރުތަކުގެ ޠަބީޢަތަކީ ރަނގަޅުކުރުމާއި އިތުރަށް ކުރިއެރުވުމެވެ. ބަލައި ދިރާސާކުރާ ފަލްސަފީ ގޮތްގަނޑެއް ނޫނެވެ.

ރ. ދާޢީ: 
 
އެއީ ޢިލްމާއި ފިކުރާއި އިޞްލާޙުކުރަން އެދޭ އެދުމެއް އެމީހެއްގެ ކިބައިގައިވާ މީހެކެވެ. އޭނާގެ މަސައްކަތުގެ ބޮޑުބައަކީ މީހުންނަށް ހަނދާންކޮށްދިނުމާއި، ހެޔޮމަގަށް މީސްތަކުންނަށް މަގުދެއްކުމެވެ. އެހެންނަމަވެސް ގިނަ ޙާލަތްތަކުގައި އޭނާއަކީ ފިކުރުތަކެއް އުފަންކުރުވާ މީހެއް ނޫނެވެ. އަދި ގިނަފަހަރަށް ބޮޑެތި ޢިލްމީ ބަޙުސްތަކާއި ދިރާސާތައް ހެދުމަކީ އޭނާގެ މަސައްކަތެއް ނޫނެވެ. އެހެނީ އޭނާގެ އަހައްމިއްޔަތުކަން ހުއްޓިފައި އޮންނާނީ ޢާންމުންނަށެވެ. ޢާންމުން އެއްވެ އުޅޭ ތަންތަނަށެވެ. އަދި ކޮންމެ މުސްލިމެއްގެ ކިބައިން އެދެވިގެންވަނީ އެމީހެއްގެ ޢިލްމީ ޤާބިލުކަމާއި ޙާލަތު ތަންދިން މިންވަރަކުން ހެޔޮކަންކަމަށް ގޮވައިލާ ނުބައިކަންކަން މަނާކުރުމެވެ. އަޅުގަނޑުމެން އުފާކުރުން ޙައްޤު އެއްކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެމީހެއްގެ ތަޚައްޞުޞާއި ދަޢުވަތު އެއްކުރަމުންދާ މީހުން ފެންނަ ފެނުމެވެ. އެގޮތުން ދަޢުވަތުގެ މައިދާނުގައި އިންޖިނިއަރުންނާއި ޑަކުޓަރުންނާއި އެހެނިހެން އެތައް ޢިލްމެއްގެ މުތަޚައްޞިޞުން ޙަރަކާތްތެރިވެއެވެ. އަދި އެއްވެސް ތަޚައްޞުޞެއް ކިޔެވުމަކާނުލައި ދީނަށް ހުރި ޣީރަތްތެރިކަމަކާއި ލޯތްބެއްގެ ސަބަބުން މިމައިދާނުގައި އުޅޭ މީހުންވެސް ފެނެއެވެ. ރަނގަޅު މަގަށް އުންމަތަށް މަގު ދެއްކުމުގައި އެބައިމީހުން އެތައް ބުރައެއް އުފުލާ، އިސްލާމީ ދަޢުވަތުގެ ޚިދުމަތުގައި އެތައް މަސައްކަތްތަކެއް ކުރަމުންދެއެވެ.

މުޞްލިޙަކަށްވުރެ، އުންމަތުގެ މައްސަލަތައް ދެނެގަތުމުގައާއި ޢިލްމީ އުނދަރެހުގެ ތަނަވަސްކަމުގައާއި ޙަރަކާތުގެ ތަނަވަސްކަމުގައި، ދާޢީ ފަސްވާނެއެވެ. ހަމައެފަދައިން ޢާލިމަކަށްވުރެ، ޝަރުޢީ ޙުކުމްތަކާއި އަދަބުތައް އެގުމުގައި ދާޢީ ފަސްވާނެއެވެ. މިއީ ގިނަ މީހުންގެ ނިސްބަތުން ބުނާވާހަކައެވެ. މިއީ ޢާންމު ޝާމިލް ޙުކުމެއް ނޫނެވެ.

ބ. މުޘައްޤަފު:

އެމީހެއްގެ އަސާސީ ތަޚައްޞުޞް ފަހަނައަޅައި އައިސް އެހެން ދާއިރާތައްވެސް ދިރާސާކޮށް، އެދާއިރާތަކުގެ ފޮތްތައް ކިޔައި، އަދި އެދާއިރާތަކަށް އަސަރުކުރުވާ ޝަޚުޞިއްޔަތެވެ. އެމީހެއްގެ ވާހަކައިގައި މީސްތަކުންގެ ތެރެއިން ވަރަށް ތަނަވަސް ޖަމާޢަތަކާ މުޚާޠަބުކުރާނެއެވެ. އަދި ހަމައެފަދައިން އޭނާއަކީ ފާޑު ކިޔުމުގެ ޤާބިލުކަމާއި، އިޞްލާޙުކުރުމާއި ކަންކަން ތަރައްޤީކުރުމާ ގުޅުންހުރި ފިކުރުތަކާއި، ޓެކްނިކަލް ނުވަތް ފަންނީ މަފްހޫމްތައް އުފައްދައި ބިނާކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެކެވެ. އަދި މުސްތަޤުބަލާމެދު ތަޞައްވަރުތަކެއް ކުރެހުމުގެ ޤާބިލުކަން އޭނާގެ ކިބާގައި ހުންނާނެއެވެ.

މުޞްލިޙު އޭނާއާއި ޢާންމުނާ ދެމެދު އޮންނަ ގުޅުމުގެ ދާއިރާ ތަނަވަސްވިޔަ ނުދެއެވެ. އޭނާގެ ދުލާއި ޤަލަމަކީ އެއިން މީސްތަކުންގެ ހިތްތަކާއި ބުއްދިތަކަށް ވީޞިލުވުމަށް އޭނާ ބޭނުންކުރާނެ ފާލަމަވެ. މިލަފްޒު އަޅުގަނޑުމެންނަށް ގިނަފަހަރަށް ބޭނުންކުރެވެނީ ތަޢުލީމީ މީހުންނާއި، ނޫސް ލިޔުންތެރިންނާއި، ރޭޑިޔޯ ޓީވީ ޕްރޮގްރާމްތައް ތައްޔާރުކުރާ ފަރާތްތަކާއި، ވާހަކަ ލިޔުންތެރިންނާއި އަދަބީ ނަޤުދުކުރާ ފަރާތްތަކުގެ ތެރެއިން ޢާންމުންގެ މެދުގައި މަޤުބޫލުކަން ހޯދައިފައިވާ ޝަޚުޞިއްޔަތުތަކަށެވެ. ނުވަތަ ރައްޔިތުންގެ ޝަޚްޞިއްޔަތު ތަކަށެވެ. މިޒަމާނުގެ ގިނަ ލިޔުންތެރިން މުޘައްޤަފުގެ ތަޢުރީފު ދެއްވާފައިވާ ގޮތަށް ބަލައިލުމުން އަޅުގަނޑުމެންނަށް އެގެނީ އެބޭފުޅުންގެ އަރިހުގައި ޙަޤީޤީ މުޘައްޤަފަކީ ޙައްޤަށްޓަކައި ހިންމަތްކުރުމުގެ ދައުރެއް އަދާކުރާ މީހެކެވެ ހަމައެފަދައިން އެފަދަ މުޘައްޤަފު، މުޖުތަމަޢުގައި ކަންކަން ކުރެވޭ ރަނގަޅު ނޫން ގޮތްތަކަށް ނުވަތަ އިދާރީ ގޮތުން ހުރި ނޭދެވޭ ކަންތައްތަކަކަށް ނަޤުދުކޮށް ފާޑުކިޔާނެއެވެ. އަދި އެމީހެއްގެ ފިކުރުތަކާއި ވިސްނުންތައް މުޖުތަމަޢަށް ވާޞީލުކޮށްދިނުމަށްޓަކައި ޝަޚްޞީ ގިނަ މަޞްލަޙަތުތަކެއް ޤުރުބާންކޮށްލަން ތައްޔާރަށް ހުންނާނެއެވެ. މަޝްހޫރު މުފައްކިރު އަދި ފަލްސަފާވެރިޔާ ނޯމް ޝޮމްސްކީ މުޘައްޤަފްގެ ތަޢާރަފުގައި ވިދާޅުވެފައިވެއެވެ. (މުޘައްޤަފަކީ ބާރުގެ ކުރިމަތީގައި ޙަޤީޤަތް އުފުލާ މީހާއެވެ.)

ކޮންމެއަކަސް މުޘައްޤަފް ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ވަހުމީ މުޘައްޤަފްގެ ޝަޚްޞިއްޔަތާމެދު ވާހަކަދައްކަވާފައިވެއެވެ. އެއީ އަބަދުވެސް ބަރީއަވުމާއި އިޙުސާސްތަކުން މަޙުރޫމުވުމާއި އެހެންމީހުންގެ މަސައްކަތްތަކުން ވައްކަންކުރާ ޝަޚުޞެކެވެ. ބައެއް ލިޔުންތަކަށް ބަލައިލުމުން ބައެއް މުޘައްޤަފުން އެމީހުންގެ ގަލަމާއި ދޫ ވަކި ފަރާތެއްގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމުގައި ނުވަތަ ޒާތީ މަންފާތަކެއް ހޯދައިގަތުމަށް ބޭނުންކުރާކަމުގެ ހިތްދަތިކުރުވަނިވި ޝަކުވާ ފެނެއެވެ. އަދި ޙައްޤު ބަސްބުނުމާއި ނުބައިކަންކަމާ ދެކޮޅަށް މަސައްކަތްކުރުމާއި އަނިޔާލިބިފައިވާ ފަރާތަށް އިންޞާފު ހޯދައި ދިނުމާއި، ޢާންމު މަޞްލަޙަތުތައް ޙިމާޔަތްކުރުމުގެ ވާޖިބު ހަނދާން ނައްތާލުމުގެ ޝަކުވާއެވެ. 

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަޅުގަނޑުމެން މުޘައްޤަފުން ގޮތުގައި މިބަޔާންކުރި މީހުންނަކީ ފަލްސަފާވެރިންނާއި މުފައްކިރުންނަށްވުރެ ބޮޑަށް ކަންކަން ހިނގަމުންދާ ގޮތާ ގުޅިފައިވާ ބައެކެވެ. އަދި އެބައިމީހުންގެ ވާހަކަތައް ވަރަށް ގިނަފަހަރަށް މައިދާނުގައި ތިބި ބާރުތަކާއި ކަންކަން ނިންމުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކާ ފުށުއަރާ ގޮތްވެއެވެ. އޭގެ ސަބަބުން އެބައިމީހުންނަށް މުފައްކިރުންނާ ފަލްސަފާވެރިންނާ ކުރިމަތިނުވާ ގޮންޖެހުންތައް ކުރިމަތިވެއެވެ. އެބައިމީހުންގެ ކާއެތިކޮޅުވެސް ނުލިބިދާނެތީ ބިރުވެތިވާންޖެހިދެއެވެ. އެހެންކަމުން އަމިއްލަ އިޚުތިޔާރެއްނެތި މަޑުމަޑުން އަމާންކަން ލިއްބައިދޭނެ ޖަމާޢަތަކާ ގުޅެން ޖެހިދެއެވެ.

(ނުނިމޭ)

ނޯޓު: މިއީ ޑރ.ޢަބްދުލްކަރީމް ބައްކާރުގެ تكوين المفكر- خطوات عملية (މުފައްކިރަކު ބިނާކުރުން- ޢަމަލީ ފިޔަވަޅުތަކެއް) ނަމަކަށް ކިޔުނު ފޮތުގެ ތަރުޖަމާގެ ފެށުމެކެވެ. މިފޮތް ތަރުޖަމާކުރަން އަޅުގަނޑު ގަސްތުކުރަނީ ފޮތުގައިހުރި މައިގަނޑު މައުޟޫޢުތައް ވަކިވަކި މަޒުމޫންތަކެއްގެ ގޮތުގައެވެ. މިއީ ފުރަތަމަ މަޒުމޫނުގެ އެއްވަނަ ބައެވެ. އަޅުގަނޑުގެ އުންމީފަކީ މިފޮތް އަވަސް މުސްތަޤުބަލެއްގައި ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ފޯރުކޮށްދިނުމެވެ.
މަގު އިޚްތިޔާރުކުރާ ހިސާބުން..
ފަހަތަށް ބަލަހައްޓައިގެންނުހުރެ ކުރިމަތީ ތަނަވަސްވެފައިވާ ރާސްތާއަށް ބަލާށެވެ.
ފަހަތަށް ކަރުއަނބުރައިގެން ހުރެ ހިނގަނިކޮށް ގަލެއްގައިއަޅައިގަނެދާނެއެވެ.
ނޫނީ ކުރިމަތީ އޮތް ރަންގަނޑަކަށް ފައިންއަރައިފައިވެސް ދެވިދާނެއެވެ.
އެހެނީ، ވަގުތުގެ މަގުގައި ފަހަތަށް އެންމެ ފިޔަވަޅެއްވެސް ނޭޅެއެވެ.
މާޒީގައި އެލިގަނެގެން ނޯންނާށެވެ. މުސްތަޤްބަލް ދިއްކޮށްލާ ފުރުސަތުގެ އަތުގައި ނުހިފިދާނެއެވެ.

މަގުދެކަފިވާ ހިސާބުން..
ނާކާމިޔާބީއެއްނެތެވެ. އެހެންޏާ ކާމިޔާބެކެވެ. އެހެންޏާ އިތުރު ތަޖުރިބާއެކެވެ.
އަލުން އެފިޔަވަޅުތަށް އެހެންގޮތަކަށް އަޅަން ލިބޭނެކަމުގެ އުންމީދަށް ހިތުގައި ބޭކާރު ޖާގަ ހުސްނުކުރާށެވެ.
މިއަދުގެ ވަގުތުު، އެ ފުރުސަތުދިނަސް، އިއްޔެ އެފެންއާރުން ފެންހިފައިގެން އަންނާކަށް ނޭންގޭނެއެވެ. ދަތުރަށް ބަރުވެދާނެތޯއްޗެކެވެ!
އެހެނީ، އިއްޔެ ތިބާއަކަށް މިއަދު ތިހުރި ހަނަފަސް ސަހަރާއިންލައިފައި ހިނގަންޖެހޭނެކަމެއް ނޭންގޭނެއެވެ.
ތިބާއަބަދުވެސް ގޮތްނިންމަނީ އޭރަކު ވެވެންއޮތް، އެނގިހުރި އެންމެ މޮޅުގޮތަށެވެ.

މަގުގައި ކާމިޔާބުލިބޭ ހިސާބުން..
ތިބާހުންނާނީ ހިއްމަތްކޮށްކޮށެވެ. ކާމިޔާބީ ހާސިލްވެ ދަތުރުނިމުން އެއީ އަދި އެހެންކަމެކެވެ
އެހެނީ، ހަގީގީ ނާކާމިޔާބަކީ، މި، މަގުހިނގުމުގައި ކުރަންޖެހޭ ހިއްމަތްކުރުމުގައި ތިބާ ނާކާމިޔާބުވުމެވެ.
ކަލާނގެ ބައްލަވާވޮޑިގެންވަނީ އަހަރެމެންގެ ނަތީޖާއަކަށް ނޫނެވެ. ތިބާ ކުރި ހިއްމަތަށެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ. "وَمَا تُقَدِّمُوا لأَنْفُسِكُمْ مِنْ خَيْرٍ تَجِدُوهُ عِنْدَ اللَّهِ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ "
މާނައީ: "ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި ތިޔަބައިމީހުން އިސްކުޅަ ކޮންމެ
ކަމެއްގެ ثواب، اللَّه ގެ حضرة ގައި ތިޔަބައިމީހުންނަށް ފެންނަހުށްޓެވެ.
ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.."
(އަލްބަޤަރާ : 110)


ތަރުޖަމާ: އިބްރާހީމް ޢަބްދުﷲ

ބުއްދި ސަހަރުގެ މައި ފެންކޯރުގައި މޮޔަވައިރަސް އަށަގަތެވެ. ނަތީޖާއަކަށްވީ އެކޯރުން ފެންބޯ ހަމަ ކޮންމެ މީހަކުވެސް މޮޔަވުމެވެ. އެކޯރުން ފެންބޮއިގެން މޮޔަވާ އެންމެންވެސް ވާހަކަ ދައްކައި ހަދަނީ ހޭޖެހޭމީހުންގެ ބަހުރުވަޔާއި ތަފާތު ބަހުރުވަޔަކުންނެވެ. ކިޔާނުކިޔާ އެއްޗެއްގެ ލަފްޒީ މާނަތަކެއް ދޭހަވިއަސް ދައްކަނީ އެއްވެސް އޮޓަރެއް ނެތްވާހަކަތަކެވެ. ވާނީވެސް އެހެންތާއެވެ. މޮޔަވަނީއެވެ. މިބަލި ދުވަހެއް ދުވަހަކަށް ބޮޑުވެ ރޯގާއެއްގެ ސިފަޖެހި މުޅި ސަހަރުގައި ވަރަށް ބާރަށް ފެތުރެމުން ދާންފަށައިފިއެވެ.

މޮޔަބައްޔަށް ފަރުވާކުރުމަށް އެސަހަރުގެ ރަސްގެފާނު ވަރަށް ގިނަގުނަ ފިކުރު ކުރެއްވިއެވެ. ނަމަވެސް ބަލިފެތުރުކަމަށް ހުއްޓުމެއް މަޑުޖެހުމެއްނެތި ކުރިއަށް ދިޔައެވެ. ކޮންމެދުވަހެއްގެވެސް އިރުއެރުމުން ޚަބަރުބައްލަވާއިރު ކުރިން މޮޔަނުވާ އެތައްބަޔަކު ތިބެނީ މޮޔަވެފައެވެ. އެއްދުވަހަކު ޚަބަރުދަބަރު ބެއްލެވިއިރު ކަމަކުދާކަށް ނެތެވެ. ރަނިކަމަނާވެސް އިންނެވީ މޮޔަވެފައެވެ. އެކަމަނާގެ ކަމަކީވެސް މޮޔައިންގެ މައިދާންތަކުގައި ބައިވެރިވެ ރަސްގެފާނާއި އަޢުވާނުންގެ މޮޔަވާހަކަ ދެއްކުމެވެ. ރަސްގެފާނާއި ސަހަރުގެ ކަމުވޮށިވެގެންވާ މީހުންނަކީ ނުވިސްނޭ މޮޔައިންކަމަށް އެމައިދާންތަކުގައި ވާހަކަދެކެވެއެވެ. އެކަމާ ވަރަށް ހިތާމަފުޅުކުރައްވާ، އެހާމެ ކޯފާވެ ވަޒީރަށް ވިދާޅުވިއެވެ. " ރަނިކަމަނާ މޮޔަފެންބޯ ހިސާބަށް ދިޔައިރު އެކަމަނާގެ ފާރަވެރިން ކޮބާހެއްޔެވެ؟ "ޖަވާބުގައި ވަޒީރު ވިދަޅުވީ އެކަމަނާ އެކޯރުގެ ފެން ހިއްޕެވުމުގެ ކުރިން ފާރަވެރިން އެފެން ބުއީ ކަމުގައެވެ. ފާރަވެރިން މޮޔަވެފައި ތިބުމުން އެކަމަނާއަށް އެކަން ކުރައްވަން ހުރަސްއެޅުމުގެ ބަދަލުގައި އެމީހުންވެސް އެކަމަށް ހިއްވަރުދެއްވީކަމަށް ބެލެވެއެވެ. ލަސްނުކޮށް ޑަކްޓަރ ގެނައުމަށް ރަސްގެފާނުގެ އަމުރުފުޅު ކުރެއްވިއެވެ.

ދުވަސްކޮޅެއްފަހުން، ވަރަށް މޮޅިވެރި ރާގަކަށް ވަޒީރު ވިދާޅުވީ، ޑަކްޓަރވެސް ހަމަ އެފެން ބޮއިގެން މޮޔަވެފައިވާ ކަމުގައެވެ. މިވަނީ ކޮންކަމެއްކަމާއި މެދު ރަސްގެފާނު ވަރަށް ފުންކޮށް ވިސްނަވަންޖެހިއްޖެއެވެ. އަދި މި ސަހަރުގައި މޮޔަނުވެ މިހާރު ތިބީ ކޮންބައެއްތޯ ރަސްގެފާނު ވަޒީރުކުރެން ސުވާލުކުރެއްވިއެވެ. ޖަވާބުގައި ވަޒީރު ދެންނެވީ މިހާރުދެން މޮޔަބަލިނުޖެހި ތިބީ ރަސްގެފާނާއި ވަޒީރު އެކަނިކަމުގައެވެ.

އަހަރެންނަށް ރަސްކަންކުރަން ޖެހިފައި މިއޮތީ ހުސް މޮޔައިންތަކެއްގެ މައްޗަށް ހެއްޔެވެ؟ ރަސްގެފާނަށް ބުނެވުނެވެ. ވަޒީރު: މާފުކުރައްވާށެވެ.! މޮޔަބަލިޖެހިފައިވާ މީހުން ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެން ދެމީހުންނަކީ މިހާރު މިސަހަރުގައި މޮޔަވެފައިވާ ދެމީހުންނެވެ. ހޭޖެހޭ، ބުއްދިވެރިންނަކީ އެމީހުންނެވެ.

ރަސްގެފާނު: ތިޔަދައްކަނީ ކޮންޒާތެއްގެ ވާހަކައެއް ހެއްޔެވެ؟ މޮޔަކޯރުން ފެންބުއީ އެމީހުން ނޫންހެއްޔެވެ؟ އެކަމުގެ ސަބަބުން މޮޔަބަލި ޖެހުނީ އެފެން ބުއީ މީހުނަށް ނޫންހެއްޔެވެ؟

ވަޒީރު: އެމީހުން ކިޔާ އެއްޗެއް ދަންނަވަންތޯއެވެ؟ އެމީހުން ދެކޭގޮތުގައި އެމީހުން އެކޯރުން ފެންބުއީ މޮޔަކަމުން ސަލާމަތް ވުމަށެވެ. އަޅުގަނޑާއި މަނިކުފާނު އެފެންނުބޮއި މިތިބީ އަޅުގަނޑުމެންގެ މޮޔަކަމުންނެވެ. އެހެންކަމުން މިހާރު މޮޔައިންގެ ގޮތުގައި ތިބީ އަޅުގަނޑުމެނެވެ. އެމީހުންނަކީ މިހާރު ހަމަ އެކަނި އަޣުލަބިއްޔަތެއް ނޫނެވެ. މުޅި ސަހަރުގެ ރައްޔިތުންނެވެ. އަޅުގަނޑުމެނަކީ ސަހަރާއެއްގެ ތެރޭގައިވާ ދެފުށް ވެއްޔަށްވުރެވެސް ނިކަމެތި ބައެކެވެ. ޙައްޤާއި ބާޠިލު ކަނޑައަޅަނީ އެމީހުންނެވެ. ޢަދުލު އިންސާފާއި ރީއްޗާއި ހުތުރު ކަނޑައަޅަނީ އެމީހުންނެވެ. މޮޔައިންނާއި ބުއްދިވެރިންގެ މެދުގައިވާ ފަރަގުގެ މިންގަނޑުތައްވެސް ކަނޑައަޅަނީ އެމީހުންނެވެ.

އެވަގުތު ރަސްގެފާނު ފުން ނޭވާއެއްލުމަށްފަހު ވިދާޅުވިއެވެ. "މޮޔަފެން ކޯރުން އަހަރެންނަށް ފެންތައްޓެއް ގެނެސްދޭށެވެ"! މޮޔައިންގެ ދުނިޔޭގައި ބުއްދިވެރިއެއްގެ ގޮތުގައި ހުރުމަކީ މޮޔަކަމެކެވެ."

މޮޔަކޯރުގެ ފެނުގެ ވާހަކަ ނިމުނީއެވެ. އެހެންނަމަވެސް އެހެންވާހަކައެއް އެބައޮތެވެ. ތިބާ ތިޔައީ ރަސްގެފާނުނަމަ ކަންތައްކުރާނީ ކިހިނަކުން ހެއްޔެވެ؟

" ތިބާ ހިތުގެ އަޑިން ޤަބޫލުކުރާ ގޮތަކީ އެހެން އެންމެން ޤަބޫލުކުރާގޮތާ ތަފާތު ގޮތަކަށް ވާ ވަގުތު......
ތިބާގެ އުންމީދުތަކާއި ހުވަފެންތަކަކީ އެހެންމީހުންގެ ހަމަބިމަށްވުރެ އުހުގައިވާ އެއްޗަކަށް ވާވަގުތު.............
ފަހެ ތިބާ އެހެންމީހުނަށް އަމާންދޭނީހެއްޔެވެ؟.......... އެހެން މީހުންގެ ހަމަބިމަށް ތިބާވެސް ތިރިވާނީހެއްޔެވެ؟............ ތިބާވެސް ރަސްގެފާނު ބެއްލެވި ފެންތަށި ބޯނީހެއްޔެވެ؟ ފަހަރެއްގައި މީހުން ބުނެފާނެއެވެ." އެވެނިމީހަކާއި، މިވެނިބަޔަކާއި އެހުރިހާ އެންމެން އެކައްޗެއް ކިޔައި އެއްގޮތަކަށް އުޅޭއިރު އެ އެންމެންގެ ގޮތް ގޯސްވެފައި، ތިބާގެ ގޮތް ރަނގަޅުވެދާނެހެއްޔެވެ؟ " މިފަދައިން ބުނާމީހާ އެ ހުށަހަޅަނީ ރަސްގެފާނު ބެއްލެވި ފެންތަށިން ތިބާވެސް ބޯން ނޫންބާއެވެ؟

ޙައްޤުފާޅުވާން ވަގުތު ނަގާފާނެކަން ދަންނާށެވެ! އަދި ޙައްޤު ވަނީ ކިތަންމެއާދައިގެ މީހަކު ބުނާ ބަހުގައި ކަމުގައިވެސް ވެދާނެއެވެ. މިބިމަކީ ވަށް އެއްޗެއްކަމުގައި ގެލީލިއޯ ބުނުމުން އެކަން އެޒަމާނުގެ އެންމެން ދޮގުކުރިއެވެ. އެކަމުގެ ސަބަބުން އޭނާ ޖަލަށްލައި މަރާލެވުނެވެ. އޭގެ 350 އަހަރުފަހުން މިކަމަކީ މުޅިދުނިޔެ ޤަބޫލުކުރާކަމަކަށް ވިއެވެ.

ކަމެއްގެ ޙަޤީޤަތް ތިބާއަށް އެނގި، އެކަމާއިމެދު ތިބާ ހިތުގެ އަޑިން އީމާންވާގޮތް އެއީ މުހިންމު އެއްޗެއްކަން ހަނދާންކުރާށެވެ. އެހެން އެއްވެސް މީހެއްގެ ފިއްތުންތަކަކާއި ނުލައެވެ. ތިބާގެ ނަފްސަށް ތިބާގެ އިތުބާރު އޮތްނަމަ، އެހެންމީހުން ދެކޭގޮތާއި އެމީހުންގެ ޙާލަތާއި ސަބަބު ތިބާއަށް ވިސްނޭނަމަ، އަމާންދިނުމުގެ ބޭނުމެއް ވޭބާއެވެ؟

ސުވާލަކީ: " ތިބާއަށް އެއްކަލަ ފެންތަށި ބޯންޖެހިއްޖެނަމަ.......
މީސްތަކުންނަށް ތަބާވުމުގެ ގޮތުން އެތަށިން ބޯނީހެއްޔެވެ؟ ނުވަތަ ތިބާ އެކަނިވިއަސް ބުއްދިވެރިކަންމަތީ ހޭޖެހޭމީހެއްގެ ގޮތުގައި ސާބިތުވެ ހުންނާނީހެއްޔެވެ؟
އަސްލުލިޔުއްވީ: ކަރީމުއްޝާޛްލީ
ތަރުޖަމާ: ނަބީލް

ކަލެއަކީ ތޫނުފިލި ޔާފުތާއެއް ނޫނީމުއެވެ.
ކިޔެވުން ނިމުންއިރު އޭ ރިޕޯޓެއްގެ ހައްގުވެރިޔެއް ނޫނީމުއެވެ.
ދުވަހަކުވެސް ކިޔެވުމުގައި ހުނަރުވެރި ކުދިންގެ ލިސްޓުގައި ކަލޭގެ ނަން ހިމެނިފައެއް ނުވޭ ނޫންހެއްޔެވެ؟
އެކުވެރިޔާއެވެ. އެއީކީ މައްސަލައެއް ނޫނެވެ. އަހަރެންނަކީ ވެސް ކަލޭ ފަދަ މީހަކީމެވެ.

އަދި އެއަށްވުރެ ވެސް ބޮޑަށެވެ. ދާދި މި ފަހަކާ ޖެހެންދެން އަހަރެން ދެކެނީ އުފާވެރިންނަކީ ހަމައެކަނި ތޫނުފިލި މީހުން ކަމުގައެވެ. އެނޫން ބަޔަކަށް ވަޒީފާގެ ކުރިއެރުން ވެސް ހައްގުނޫން ކަމުގައެވެ. ފަހުގެ ކާރާއި ތަނަވަސް ގެއާއި އިޚްލާސްތެރި ވަފާތެރި ޙަޔާތުގެ ބައިވެރިން ހާސިލުވުން ވެސް އެމީހުންނަށް ނޫނީ ނެތް ކަމުގައެވެ.

އެކަމަކު އަހަރެން ކުޑަކޮށް ވިސްނާ ފިކުރުކޮށްލީމާ އެނގުނީ މަކަރެއްގައިޖެހިފައި ކުށްހީއެއްގައި ހުރެވުނު މިންވަރެވެ.
އަޒުމްގެ ބަލިކަށިކަމުން ތޫނުފިލިކަން ނަގާލީ ކިތައް ކިތައް ޔާފުތާއިން ހެއްޔެވެ؟ ހިތްވަރުގެ ފީކަޅާ ކަމުން ވިސްނުންތެރިކަން ބޭކާރުކޮށްލީ ކިތައް ކިތައް ވިސްނުންތެރީންހެއްޔެވެ؟

މީސްތަކުންނާއި އެކުލެވުމުގައި މާހިރުން ކަމުގައިވެ، ލޯތްބާއި ލޭފަވެރިކަމުގެ ބިނާތައް އެހެން މީހުންނާއެކު ގާއިމުކުރުމުގައި މޮޅުމީހުން ކަމުގައި ވަނީ ތޫނުފިލިކަމުގެ ގޮތުން ދަށް ކިތައް ކިތައް މީހުންހެއްޔެވެ؟ ކުރިމަތިލައިފި ކަމެއް ހާސިލުވުމުން ނޫނީ ހިތް މައިތިރި ނުވާފަދަ ހިތްވަރާއި ކަންކަމުގައި ދެމިހުރުން އެމީހުންނަށް ލިބިފައިވަނީއެވެ. ހަގީގަތުގައި ކާމިޔާބުވެރިންނަކީ އުފާވެރިންނަކީ މިބައިމީހުންނެވެ. ދެވަނަ އެހެން ބަޔަކު ނޫނެވެ.

ކާމިޔާބުވެރިންގެ އުޅުންތަކާ މެދު ވިސްނުމުން އަހަރެންނަށް ފެނުނީ އެމީހުންގެ ސިކުނޑީގެ ބާރުތައް ތަފާތުވެފައި ވަނިކޮށެވެ. އެމީހުންގެ ތެރޭގައި ތޫނުފިލީންނާއި ތޫނުފިލިކަމުގެ ގޮތުން ދަށް މީހުން ހިމެނިފައި ވަނިކޮށެވެ. އެހެން ނަމަވެސް އެ އެންމެން ވެސް އެއް އާދަތަކަކާއި ސިފަތަކެއްގައި އެއްގޮތްވެފައި ވަނިކޮށެވެ. އެއީ ކެތްތެރިކަމާއި ކުރިމަތިލުމާއި ހިތްވަރާއި ދެމިހުރުމާއި ވަގުތު ތަރުތީބު ކުރުމެވެ. އެހިސާބުން އަހަންނަށް ޔަގީންވީ ކާމިޔާބަކީ ހުނަރުގެ ނަތީޖާއެއްގެ ގޮތުގައި ނުކުންނަ އެއްޗެއް ނޫން ކަމެވެ. އެކަމަކު އެއީ އިސްވެ ބުނެލެވުނު ސިފަތަކުން ސިފަލިބިގަތުމުގެ ނަތީޖާކަމެވެ.

ޑރ ޢަބްދުލްކަރީމް ބައްކާރު ވިދާޅުވާހެން ހަލާކުވާ ތޫނުފިލީންނާއި ނާކާމިޔާބު ހުނަރުވެރީންގެ ގިނަކަމާއެވެ.
އެހެން ސިފައަކާއި ނުލައި ތޫނުފިލިކަމުން މަންފާ ނުކުރާކަން ކަލޭމެން ވިސްނައިފި ނަމަ އެނގޭނެއެވެ. އަދި ކުޑަމިންވަރެއްގެ ތޫނުފިލިކަން ގިނަ ކުރިމަތިލުންތަކާއެކު މާ ބޮޑަށް ވެސް ރަނގަޅުކަން ޔަގީންކުރުމަށް އެއަށްވުރެ އިތުރަށް ވިސްނާށެވެ.

މުޅިދުނިޔެ އަލިކުރުވި ތޯމަސް އެޑިސަން އޭނާގެ ޢަމަލުން ކޮންމެ ކަންނެތް ފިނޑިއެއްމެ ހޭލައްވާލައެވެ. (ކާމިޔާބަކީ މޮޅު ހުނަރެއްގެ ނަތީޖާ އެއް ނޫނެވެ. އެއީ އަހަރެމެން ބޭނުން ނަމަ، ނުވަދިހަ ނުވަ އިންސައްތަ ނިތްކުރީ ދާހިއްލުމެވެ. އެންމެ އިންސައްތައެއްގެ ހުނަރަކާއި އުފެއްދުންތެރިކަމެކެވެ.)

ކާމިޔާބުގެ އަސްލަކީ ބުއްދީގެ އުޖާލާކަން ކަމުގައި ދެކޭ މީހުންނީ ކުށްހީވެފައި ތިބި ބައެކެވެ. އެބައެއްގެ އުންމީދުތައް ހާސިލުނުވުން ތޫނުފިލިކަމުގެ އުނިކަމާއި މަތިކުރާ މީހުން އެމީހުންގެ ނާކާމިޔާބާއެކު ޒަމާނުގެ މުސީބާތްތަކުގެ ތެރެއަށް ވެއްޓިގަނެއެވެ. އަދި މަސައްކަތާއި ހިތްވަރުން ރެކިގަނެއެވެ.

ކަލެއަށް ފިކުރަކާއި ހިތްވަރާއި ކޮޅެއް ނެތި ދެމިހުރުން މިލްކުވެފައިވާ ނަމަ ކަލެއަށް ވަރަށް ގިނަ ތަކެތި ވަނީ މިލްކުވެގެންނެވެ.

އިސްލާމީ މުފައްކިރު އަލްޢައްލާމާ މުޙައްމަދުލްޣަޒާލީ ވިދާޅުވެފައިވެއެވެ. ތޫނުފިލިކަމުން އެކަންޏަކު ނުފުދެއެވެ. އިބިލީސް ވެސް ވީ ތޫނުފިލި އެއްޗެއް ކަމުގައެވެ. އެހެންނަމަވެސް އޭނާގެ އެދުންވެރިކަން އޭނާގެ މައްޗަށް ގަދަވެގަތީއެވެ. ﷲ ތަޢާލާ ބޭކާރު މީހަކު ގަބޫލެއް ނުކުރައްވާނެއެވެ. އެމީހެއްގެ ސިކުނޑި ކިތަންމެ މޮޅުކަމުގައި ވިޔަސްވެހެވެ. 

 ލިޔުއްވީ: د. عبد الكريم بكار
  ތަރުޖަމާ: ޝިފްޒާން އަޙްމަދު

ގިނަ މީހުން އެބައިމީހުންގެ ފިކުރުތަކާއި ކަންކަން މިންކުރާ އުޞޫލުތަކާއި ދިރިއުޅުމާމެދު ދެކޭ ގޮތާއި ޢާދަތަކުގެ މަތީގައި ދެމިތިބުމަށް އެދެއެވެ. އެމީހުންނަށް ހީކުރެވޭ ގޮތުގައި އެހުރިހާ ކަމަކީ އެމީހުންގެ ޝަޚުޞިއްޔަތުގެ މުހިއްމު ބައިތަކެކެވެ. 
އެއީ އޭގެތެރެއިން ވަރަށް ގިނަ ކަންކަމަކީ، އިޖުތިމާޢީ ފިއްތުންތަކާއި ލިބިފައިވާ ޢިލްމާއި ފިކުރާއި ތަނަވަސްވެފައިވާ ފުރުޞަތުތަކުގެ ސަބަބުން ބިނާވެފައިވާ ނުވަތަ ލިބިގަނެވިފައިވާ ކަންތައްތަކެއްކަން ޤަބޫލުކުރާ ޙާލުގައެވެ.

މިއަދު އަޅުގަނޑުމެންނަށް މިވަނީ ޒާތީ ވަރަށް ގިނަ، ހަރު ޢާދަތަކެއް ދޫކޮށްލަން ޖެހިފައެވެ. އެހެނީ އޭގެ ތެރެއިން ވަރަށް ގިނަކަންކަން ހިމެނެނީ ކުރިއެރުމަށާއި ޒަމާނުގެ ޙާލަތްތަކާ ކުރިމަތިލުމަށް ހުރަސްއަޅާ ކަންތައްތަކެއްކަމުގައެވެ. މިކަމުގައި އަޅުގަނޑު ހިއްސާކޮށްލަން ބޭނުންވާ މުހިއްމު ދެނުކުތާއެއް އެބައޮތެވެ. އެދެނުކުތާއަކީ:

ހ. ތިމާއަކީ އެހެން ހުރިހާ ކަމަކުން ދުރުވެފައިވާ އެކަހެރި ރަށެއްކަމުގައި ދުށުމަކީ، އަޅުގަނޑުމެންކުރެ ވަރަށް ގިނަ މީހުންނަށް، އަމިއްލަ ނަފްސުގެ ޙައްޤުގައި ކުރެވޭ ނުރައްކައުތެރި ކުށެކެވެ. އެފަދަ މީހާ އައު ހުރިހާ ތަކެއްޗަކަށް ނަފްރަތުކުރެއެވެ. ކިތަންމެ މުހިއްމު ބޮޑު ބަދަލެއް އަޔަސް އެކަމެއް ބަލައި ނުގަންނާނެއެވެ. އެހެންނަމަވެސް ކައުނާ މެދު ވިސްނައިފިމީހަކަށް ފެންނާނީ އެކަތި އަނެކައްޗާ ގުޅި ލާމެހިފައިވާ ގޮތެއްގައި މިކައުނު ޚަލްޤުކުރެވިފައިވާ ތަނެވެ. އަދި މިޢާންމު އުޞޫލުގެ އިމުން އިސްނާ އިސްތިސްނާވާނެ އެއްވެސް ގޮތެއްނެތެވެ. އަޅުގަނޑުމެންގެ ކިބަގައިވާ ވަކިވަކި ކޮންމެ ޞިފައަކީ އެތައްކަމެއް ގުޅިގެން އުފެދޭ ޞިފައެކެވެ. އެކުވެރިވެއުޅުމާއި، ތަނަވަސްކަމާއި، ރީތިކަމާއި، ހުނަރުވެރިކަމާއި ކަންކަން ދެނެގަތުމާއި، ވިސްނުމާއި، ހެޔޮގޮތުގެ މަތީގައި ހުރުން ފަދަކަންކަމެވެ.

މިތަކެއްޗަށް ދެގޮތަކަށް ފައުޅުވެވޭނެއެވެ. ފުރަތަމަ ގޮތަކީ ޒާތީ ފެންވަރުގައި ފައުޅުވުމެވެ. މިދަރަޖައިގައި މިންކުރުމާއި އިންކުރުމާއި، ދެނެގަތުމަކީ ކުރެވޭނެކަންކަމެވެ. ދެވަނަ ބާވަތުގެ ފާޅުވުމަށް އިޖުތިމާޢީ ފާޅުވުމޭ ދެންނެވިދާނެއެވެ. މިފިކުރު އިތުރަށް ތަފްޞީލުކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެންގެ ކިބާގައި ހުރި ހުނަރުތަކާއި ޤާބިލުކަން، ނަޤުދު ފައިސާ ގަނޑަކާ އެއްގޮތް ކުރެވިދާނެއެވެ. ކަނޑައެޅިފައިވާ ވަކި މިންވަރެއްގެ އަގެއް އެގަނޑުގައި ހުންނާނެއެވެ. މިސާލަކަށް ޑޮލަރަކީ އޭގެ ޒާތުގައި އަގު ހުރި އެއްޗެކެވެ. އެހެންނަމަވެސް އެއިން ގަނެވޭނެ މިންވަރު އެއް ޤައުމުން އަނެއް ޤައުމާ ނުހަނު ތަފާތެވެ. ތިބާ ޖަޕާނުފަދަ އަގުތައް މަތި ޤައުމަކަށް ހިގައްޖެނަމަ، ޑޮލަރުން އެއްޗެއް ގަތުންވާނީ ދަތިކަމަކަށެވެ. ހަމައެފަދައިން އަފްޣާނިސްތާން ފަދަ ޤައުމަކަށް ހިގައްޖެނަމަ، ޑޮލަރަކުން ވަރަށްގިނަ ތަކެތި ގަނެވިދާނެއެވެ.

އެހެންކަމުން އަޅުގަނޑުމެން ކިބައިގައި ހުރި ހުނަރުތައް އަގުކުރާނީ އަޅުގަނޑުމެންނެއް ނޫނެވެ. އެހެންނަމަވެސް އެއަގު ކަނޑައަޅާނީ ބާޒާރުންނެވެ. ބާޒާރު މިބޭނުންކުރީ އެލަފްޒުގެ އެންމެ ތަނަވަސް މާނައިގައެވެ. ބައެއް މީހުން ބުނެފައިވާ ފަދައިންނެވެ. ވަޒީފާއަކަށް ބޭނުންޖެހިފައިވާލެއް ބޮޑުކަމާއެކުވެސް، މީގެ ތިން އަހަރުކުރީއްސުރެ ހޯދާހޯދައި ވަޒީފާގަނޑެއް ނުލިބުނުނަމަ، ލިބިފައިވާ ހުރިހާ ސަނަދުތަކަކާއި، ޙާޟިރުވީހާ ބައްދަލުވުންތަކާއި މައިންބަފައިންނާއި އަޚުން ފަޚުރުވެރިކަމާއެކު ބަލާ ބެލުމުގެ އަގަކީ ކޮބައިހެއްޔެވެ؟

އެހެންކަމުން އަޅުގަނޑުމެންކުރެ ކޮންމެ މީހެއްގެ މައްޗަށްވަނީ އެމީހެއްގެ ކިބައިގައިވާ ހުރިހާ ހުނަރުވެރިކަމެއް އެންމެ ތަނަވަސް ގޮތެއްގައި ތަރައްޤީކޮށް ކުރިއެވެ. ތަރައްޤީކުރުމާއި، ކުރިއެރުމާއި، ހިންގުންތެރިކަމާމެދު އަންތަރީސްވާފަދަ މޮޅެތި ވާހަކަތައް ދައްކާ ބައެއް މީހުން، ނާކާމިޔާބުވެފައިވާ ކުންފުނިތަކުގައި އުޅޭތަން ދުށީމެވެ. އެއީ އެމީހުންނަށް ނަތީޖާނެރުމުގެ ފުރުޞަތު ކޮންމެވެސް މިންވަރަކަށް ލިބުމާވެސް އެކުގައެވެ.

ށ. ތާރީޚުގެ ތެރޭގައި، މީސްތަކުންގެ ޙަޔާތް މަސައްކަތުގެ މައިދާނުގައި ކުރިއަރައި ދިޔައީ ޓެކުނޮލުޖީގެ ސަބަބުންނެވެ. ވަޅިއާއި ފުރޮޅުން ފަށައިގެން ގޮސް ކޯލް ބޭނުންކުރާ އާލަތްތަކާއި ކަރަންޓު އާލަތްތަކާ ހަމައަށެވެ. މިއިން ކޮންމެ އެއްޗެއްވެސް އެއްމަރުޙަލާއިން އެއަށްވުރެ ކުރިއަރާފއިވާ މަރުޙަލާއަކަށް މީސްތަކުން ގެންގޮސްދިނެވެ. މިއަދު ޓެކުނޮލޮޖީ މީސްތަކުންގެ އުންމީދުތަކާއި އެބައިމީހުންގެ އަމިއްލަ ނަފްސުތަކާމެދު ދެކޭ ގޮތް ބަދަލުކުރެއެވެ. ތަރައްޤީވެ ފުޅާވަމުންދާ މީޑިޔާއިން ވަނީ މިފަދަ އަސަރުތައް ފޯރުކޮށްދިނުމުގައި ކާމިޔާބު ހޯދާފައެވެ. ކޮންމެ ދާއިރާއަކުން ނުވަތަ ކޮންމެ މަސައްކަތެއްގައި ކުރިއަށް ދާން ބޭނުންވިޔަސް މިއަދު މިވަނީ އަމިއްލަ ވަޠަނުގެ އިމުން ބޭރުވެ، ދުނިޔޭގެ ތެރެއިން އެމީހެއްގެ މަޤާމު ހޯދަން މަސައްކަތްކުރަން ޖެހިފައެވެ. އެހެނީ ބަވަނަކުރުން، އެތެރޭގެ ފެންވަރުގައި ނުވަތަ ލޯކަލް ފެންވަރުގައި ހުރި އަހަންމިއްޔަތުތައް ޢާލަމީ ދަރަޖައަކަށް އުފުލައި ތަނަވަސްކުރަމުންދެއެވެ. މިކުރިއެރުމާއި ނިޢުމަތަށް ފުރަގަސްދޭ މީހާއަށް ނުހަނު ދެރަ ލިބޭނެއެވެ. ބޮޑު ގެއްލުން ލިބޭނެއެވެ.

މިލިޔުމުން ކިޔުންތެރިންނާ ހަމައަށް އަޅުގަނޑު އަރިސްކުރަން ބޭނުންވި މެސެޖަކީ ނުވަތަ ނަޞީޙަތަކީ ކާމިޔާބުގެ ކުންނުގައި ހުރުމަށްފަހު އެޙާލަތުން އެހެން ޙާލަތަކަށް ނަކަލުވުމަށް ތިބާ ތައްޔާރުވާށެވެ. އަޅުގަނޑުމެންގެ ފައިތިލަތަކުގެ ދަށުގައި ބިން ޙަރަކާތްތެރިވެއެވެ. އެހެންކަމުން ހުރިހާ އެއްޗެއް އެކީ ދޫކޮށްލަން ތައްޔާރު، ކޮންމެ ޙާލެއްގައިމެ ބަދަލުވުމަށް ފުރުޞަތުދޭނެ މީހަކަށް މެނުވީ އެބިމުގެ މަތީގައި ސާބިތުވެ ނުހުރެވޭނެއެވެ.

މަޞްދަރު: ޑރ.ޢަބްދުލްކަރީމް ބައްކާރުގެ ސައިޓު.
ލިޔުއްވީ: د. عبد الكريم بكار
ތަރުޖަމާ: ޝިފްޒާން އަޙްމަދު

މާތްﷲ ދުނިޔެ އުފައްދަވައި އެދުނިޔެއަކީ ޚިޔާރުކުރުމާއި، އިމްތިޙާނުކުރެވުމުގެ މައިދާން ކަމުގައި ކަނޑައެޅުއްވިއެވެ. އަދި އެދުނިޔޭގައި އިމްތިޙާނަކަށް ބޭނުންވާނެ ހުރިހާ ޞިފަތަކެއް ފުރިހަމައަށް ލެއްވިއެވެ. މިސަބަބަށްޓަކައި އަޅުގަނޑުމެންނަށް އަބަދުމެ، ދަތިކާއި ބުރަތަކުގެ ތެރޭގައި އުޅެންޖެހެއެވެ. ފެށުމުގެ ގޮތުން އަޅުގަނޑުމެންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތައް މައިގަނޑު ދެބަޔަކަށް ބަހައިލެވިދާނެއެވެ.

ފުރަތަމަ ބާވަތަކީ ބޭރުން ކުރިމަތިވާ ގޮންޖެހުންތަކެވެ. އެއީ އަންނަނިވި ކަންތައްތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކެކެވެ.

1- އިސްލާމްދީނުގެ ހިދާޔަތު ލިބިފައިނުވާ ޒަމާނުގެ ކުރިއެރުންތަކާ ދުރު، ތަރައްޤީނުވާ ދަތި ވެއްޓެކެވެ. މިއީ ނޭދެވޭ އަސަރުތަކެއް ކުރުވާނެ ވެއްޓެކެވެ. އެހެނީ އެފަދަ ވެއްޓެއްގައި އުޅޭ މީހަކަށް ފެންނާނީ އަބަދުވެސް އަނދިރި ޞޫރައެކެވެ. ހަނދާނަށް އަންނާނީ ނާކާމިޔާބުވީ ފަހަރުތަކެވެ.

2- މަސައްކަތުގެ ފުރުޞަތުތައް ފުރިހަމައަށް ލިބެން ނެތުމެވެ. އެހެނީ މިކަމުގެ ސަބަބުން ތިމާ މީހާއަށް ލިބިފައިވާ ހުރިހާ ހުނަރަކާއި ތަޖުރިބާއަކާއި ޢިލަމަކީ ބޭނުން ނުހިފޭ ފައިސާ ފޮތްޗެއް ފަދައިން ޞިފަވެއެވެ.

3- ޢާއިލާގެ ތެރޭގައި އުފެދޭ މައްސަލަތަކެވެ. މިއީ ބައްޕައިންގެ ހަރުކަށިކަމާއި ދެމަފިރިންގެ ދޭތެރޭގައި ހިނގާ އަރާރުންވުންތަކާއި ޒުވާބުތަކެވެ.

4- ތެދުވެރިޔާ ތެދުވެރިކަންމަތީ ހުރުމަކީ އޭނާއަށް ލިބޭ އަދަބެއް ކަމުގައި ހަދައި، ފާސިދުންނަށް ހެލިފެލިވެ އުޅުން ލުއިކޮށްދޭ، ނުރައްކާތެރި ޢާންމު އިދާރީ ފަސާދައެވެ. ނުވަތަ ކަރަޕްޝަނެވެ. 
 
5- މީހާއާ ކުރިމަތިވާ ކޮންމެ ނިކަމެތިކަމެއްގައި އޭނާގެ ހިތްވަރު އެލުވައިލައި ނިކަމެތިކޮށްލާ މީހުން ގިނަވުމެވެ.

6- ޠަބީޢީ ގޮތެއްގައި ދިރިއުޅުމުގެ ކަންކަން ގެންދިއުމަށް ހުރަސްއަޅައި، މީހާގެ ޙަރަކާތްތެރިކަން ކަނޑުވާލާ ނުރައްކާތެރި ބައްޔެކެވެ.
 
މިގޮންޖެހުންތަކަކީ ހުރިހާ ވަގުތެއްގައިވެސް އަދި ހުރިހާ ތަނެއްގައިމެ ހުންނަ ކަންކަމެވެ. މިއީ އާދަމުގެ ދަރީން އިމްތިޙާންކުރާނެ އާލާތްތަކެކެވެ. ސާބިތުވެފައިވާ ޙަޤީޤަތަކީ މީހާގެ ޒާތުގެ ބޭރުން އުފެދިގެން އަންނަ ކޮންމެ ގޮންޖެހުމަކީ ނުވަތަ ބޭރުގައި ހުންނަ ގޮންޖެހުންތަކަކީ ހަވާސާގައި ހުންނާނެ ކަންތައްތަކެއްކަމެވެ. އަދި އެކަންކަމަކީ ރަނގަޅު ކަންތައްތަކެއް ކަމުގައި ހެދިދާނެއެވެ. އަޅުގަނޑުމެންގެ ކިބައިގައިވާ ފޮރުވިފައިވާ ބާރުތައް ނެރެވިއްޖެނަމައެވެ. އަދި އަމާންދިނުމާ ދެކޮޅު ހަދައި މަނާވެގަތުމުގެ ރޫޙެއް އަޅުގަނޑުމެންގެ ކިބައިގައި އޮތް ނަމައެވެ. ކީރިތި ޤުރުއާނުގެ ޙިކުމަތްތެރި އާޔަތްތަކަށް ވިސްނައިފި މީހަކަށް އެގޭނެފަދައިން ކުރީގެ އުންމަތްތައް ހަލާކުކޮށްލެއްވުނީ އެބައިމީހުންނަށް ލިބިފައިވާ ވެއްޓާމެދުގައި މުޢާމަލާތްކުރުމުގައި ނުކުޅެދުންތެރިވެގެންނެއްނޫނެވެ. ވާދަވެރިންގެ ޙަމަލާތަކާއި ޢަދާވާތްތެރިންގެ މަކަރުވެރި ރޭވުންތަކުގެ ސަބަބުންނެއްވެސް ނޫނެވެ. އެހެންނަމަވެސް އެއީ އެބައިމީހުން ޙައްޤު މަގުން ކަސިޔާރުވީމައެވެ. އަދި އެބައިމީހުންގެ އެދުންތަކާއި ޝަހުވަތްތަކުގެ ކުރިމަތީގައި އެބައިމީހުން ބަލިވީމައެވެ.


ދެވަނަ ބާވަތުގެ ގޮންޖެހުންތަކަކީ އަންނަނިވި ކަންކަމުގެ މައްޗަށް އެކުލެވިގެންވާ ނަފްސާނީ އަދި ފިކުރީ ގޮންޖެހުންތަކެވެ. ނުވަތަ މައްސަލަތަކެވެ.

1- އަމިއްލަ ނަފްސު ނިކަމެތިކުރުމާއި، އަދި ތިމާއަށް ލިބިފައިވާ ހުނަރުތަކަކީ، އަގެއް ހުރި ކަމެއް ޙާޞިލުކުރުމުގައި ބޭނުމެއް ނުހިފޭ ކަންތައްތަކެއް ކަމުގައި ޤަބޫލުކުރުމެވެ. މިހެންމިކަން މެދުވެރިވަނީ ގޭގައި ދެވޭ ތަރުބިއްޔަތު ރަނގަޅު ނުވުމުންނާއި، މަދުރަސާގައި ދެވޭ ތަޢުލީމުގައި ހުރި އުނިކަމެއްގެ ސަބަބުންނެވެ.

2- ކާމިޔާބު ނޫން މަސައްކަތްތަކެއް ކުރެވުނީތީ، މާޔޫސްވެ ނާއުންމީދުވުމެވެ. އެތައް ފަހަރެއްގެ މަތިން ސާނަވީ އިމްތިޙާނުގައި ބައިވެރިވުމަށް އުޅެ އެކަމުގައި ނާކާމިޔާބުވާ މީހެއް ފަދައިންނެވެ.

3- ބޮޑެތި ކަންތައްތަކެއް ކުރުމަށްޓަކައި ނަގަންޖެހޭ "ރިސްކު" ނަގަން ނުކެރުމެވެ. ހުރިހިސާބުގައި ނުވަތަ ފަހަތުގައި ހުރުމަށް އެދެވެނީއެވެ. މިކަމުގެ ސަބަބުން އިންސާނާ ދިރިއުޅުމުގެ ހަވާސާގައި ހުންނަންޖެހިދެއެވެ. އަދި މުޅިންވެސް މީހުން ކާކެއުމުން ބާކީ އެތިކޮޅު ހޮވާ މީހަކަށް ބަދަލުވެއެވެ.

4- ޝަޚުޞީ ދިރިއުޅުން ރާވައި ޕްލޭންކުރުމަށް ބިރުގަތުމެވެ. މީސްތަކުންކުރެ 95% މީހުންގެ ޙާލަތަކީ މިއީއެވެ. އާގޮތެއްގައި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭތީ ޖެހިލުންވަނީއެވެ. މިބިރުގަތުމުގެ ސަބަބަކީ ބައެއްކަހަލަ އެދުންތަކާއި، ބައެއް ޢާދަތައް ދޫކޮށްލައި އެކަންކަމުން މަޙުރޫމުވާންޖެހޭ ޖެހުމެވެ.

5- ކުރެވޭ ކޮންމެ ކުށަކަށް ނުވަތަ ފަރުވާކުޑަކުރެވޭ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުށްވެރިކުރަންވީ ވަރަށްވުރެ ބޮޑަށް ކުށްވެރިކުރުމެވެ.


ކީއްކުރާނީ؟


ހ. އުންމަތްތަކުގު ތާރީޚުން ޖަމާޢަތަތްތަކާއި ފަރުދުންގެ ތާރީޚު ބަލައި ދިރާސާކުރާ މީހަކަށް ވަރަށް މުހިއްމު ޙަޤީޤަތެއް ފެންނާނެއެވެ. އެއީ އަޅުގަނޑުމެން އިންސާނުންނާ ކުރިމަތިވެފައިވާ މައްސަލައަކީ ވަސީލަތްތަކާއި ބާރު މަދުވުމާއި ނެތުމުގެ މައްސަލައެއްނޫނެވެ. އެހެނަސް އެމައްސަލައަކީ ދެކަމެއްގެ މައްޗަށް އެކުލެވިގެންވާ މައްސަލައެކެވެ. ހިންމަތްތެރިކަން ބަލިވުމާއި ރަނގަޅު ގޮތުގައި ލިބިފައިވާ ނިޢުމަތްތައް ބޭނުންނުކުރެވުމެވެ. މާތްﷲގެ ވަޖިހުފުޅު އަދައިގެން ކުރާ މަސައްކަތަކުން ވަރުގަދަ ހިތްމަތެއް ބިނާކުރެވިދާނެއެވެ. އަޅުގަނޑުމެން ދަންނަ ވަރަށް ގިނަބަޔަކުވަނީ އެބައިމީހުންގެ ކިބައިގައި ހުރި ނުރަނގަޅު އާދަތައް ދޫކޮށް އިޞްލާޙުވެފައެވެ. އަދި އެބައިމީހުންގެ ވަގުތުތައް ހޭދަކުރާނެ ގޮތުގެ ރަނގަޅު މަޝްރޫޢުތައް އެމީހުން އެކުލަވައިލިއެވެ. އާދައިގެ މީހުންނަށްވުރެ ދެރަ ބައެއްކަމުގައިވުމަށްފަހު، ވަރަށް ހަރުދަނާ ބަޔަކަށް އެމީހުން ބަދަލުވެއްޖެއެވެ. އެކީ ހަލާކުގެ ތުންފަތްމަތީގައި ވަނިކޮށް އައު ހިންގުންތެރިކަމެއް ލިބުމުގެ ނަޞީބު މެދުވެރިވުމުގެ ސަބަބުން، ކާމިޔާބު ފައިދާ ލިބޭ މުއައްސަސާތަކެއްކަމުގައިވި އެތައް މުއައްސަސާއެއް އަޅުގަނޑުމެންނަށް އެގެއެވެ. އެހެންކަމުން ރަނގަޅު ކުރުމުގެ މަގު ވަނީ ހުޅުވާލެވިފައެވެ. އެހެންނަމަވެސް ބަދަލެއްނެތި އެއްވެސް ކަމެއް ނުވާނެއެވެ.

ށ. އަހަރެމެންނަށް މާޔޫސްކަމާއި ނާއުންމީދު އިޙުސާސްކުރެވޭ ހިނދުގައި މާތްﷲއާމެދުގައި އޮންނަ ގުޅުން އާކުރަމާ ބަހީއެވެ. އެގުޅުން ރަނގަޅުކުރުމުގެ ގޮތުން އެކަލާނގެއާ ކުއްތަން ކުރުވަނިވި ޢަމަލުތަކާއި ހެޔޮކަންކަން ކުރުން ގިނަކުރާނީއެވެ. އަދި އެކަލާނގެއާމެދު ހެޔޮކޮށް ވިސްނައި، އެކަލާނގެއަށް އެންމެހައި ކަމެއް ދޫކޮށްލާނީއެވެ. އެހެނީ ރޫޙާނީ ބަގުރޫޓުވުމަކީ އެކަމުގެ ސަބަބުން މުސްލިމާ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވައްޓާލާކަމެއްކަން ސާބިތުވެފައިވެއެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް ނުކުޅެދުންތެރިކަމުގެ އިޙުސާސްކުރުވައެވެ.

ނ. އަޅުގަނޑުމެންކުރެ ކޮންމެ މީހަކުވެސް ޔަޤީންކުރަންވީ ކޮންމެ މީހަކަށްވެސް ކުރިއަށްގޮސް ކުރާކަންކަން އިތުރަށް ރަނގަޅުކުރުމުގެ ފުރުޞަތު އެބަ އޮތްކަމެވެ. އެންމެ ދަތި އުދަގޫ ޙާލަތްތަކުގައިވީނަމަވަސްމެއެވެ. ކަންކަން ރަނގަޅުކުރުމުގެ ކުޅަދާނަކަން އަޅުގަނޑުމެން ކިބައިގައި އެބަ އޮތެވެ. އެހެންނަމަވެސް އެއީ ކަމެއް ނުވަތަ އެއްޗެއް އޮތުން، ކަމެއް ނުވަތަ އެއްޗެއް ނެތުމަށްވުރެ ރަނގަޅުކަމާއި ކޮންމެވެސް ދޮރެއް ހުޅުވުމަކާނުލައި އެއްވެސް ދޮރެއް ބަންދުނުވާނެކަން ޔަޤީންކޮށް ޤަބޫލުކުރުމުގެ ޝަރުޠު ފުރިހަމަކުރީމައެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ކިބައިގައިވާ ތަރުބަވީ އަދި ސަޤާފީ އުނިކަމުގެ ސަބަބުން ބަންދުވީ ދޮރާމެދުގައި މަޝްޣޫލުވެވި، ހުޅުވުނު ދޮރު ނުވެސްފެނި ހިގައިދެއެވެ.

ރ. އެކަކީވެސް ބަލިކަށި މީހެއް ނޫނެވެ. އެހެންނަމަވެސް އެމީހެއްގެ ބާރުގެ ނުކުތާތައް ނޭނގޭ މީހަކު ހުރެދާނެއެވެ. މިއީ ފޮރުވުމެން ނެތް ޙަޤީޤަތެކެވެ. އަޅުގަނޑުމެން ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ލާޒިމުވެގެންވަނީ އެމީހެއްގެ ކިބައިގައި ހުރި ވަރުގަދަ ނުކުތާތައް ދެނެގަނެ، އެނުކުތާތައް އިތުރަށް ބާރުގަދަކޮށް ކުރިއެރުވުމެވެ. އެކަންކަމަށް އަހަންމިއްޔަތުކަން ދިނުމާއި، އެކަންކަމުން ފައިދާ ލިބިގަތުމަށް މަސައްކަތްކުރުމެވެ. އެހައިރުން އޭނާގެ ޙާލަތަށް ހައިރާންކުރުވަނިވި ކުރިއެރުމެއް އަންނަތަން ފެންނާނެއެވެ.

ބ. އިންސާނާއަކީ އޭނާގެ ފިކުރުތަކުގެ ނަތީޖާއެކެވެ. އޭނާގެ ތަޞައްވުރުތައް ތަނަވަސްވީ މިންވަރަކަށް، އޭނާގެ ފިކުރުތައް ފުރިހަމަވެ، ކަވިވެގެން އައުދެއެވެ. އަދި އެކަމުގެ ސަބަބުން ތަނަވަސްގޮތެއްގައި ކަންކަން ރަނގަޅުކުރުމަށް މަގު ފަހިވެއެވެ. އަދި ތިމާއަކީ ބަލިކަށި، ނުކުޅެދުންތެރި މީހެއްކަމުގައި، އަދި އޭނާގެ ކުރިމަތީގައިވަނީ ދަތިކަމާއި އުދަގުލާއި ތޮއްޖެހުންކަމުގައި ޤަބޫލުކޮށްފިނަމަ، ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް ނުކުޅެދެއެވެ. މިކަމުގެ ސަބަބުން އޭނާއަށް ކުރެވޭނެ ކަމެއް ނެތްކަމަށާއި، ހަތަރު އުދަރެސް ފެނުޖެހިފައިވާކަމުގައި އިޙުސާސްކުރެވެއެވެ.
 
ޅ. ކޮންމެ މީހެއްގެ މައްޗަށްވެސް ލާޒިމުވެގެންވަނީ އަހިވަކަކާޖެހި އަހިވަކެއް ފާވާނެކަމާމެދު، ސަމާލުވުމެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ މާޔޫސްކަމާއި ނާއުންމީދުވެފައިވާ މީހުންނާއި އަލިކަމެއްނެތް ތަޞައްވުރުތަކުގެ އަހުލުވެރިންނާ ދުރުވުމެވެ. އަދި ކާމިޔާބު މީހުންގެ ދުނިޔެއަށް ވަންނަންޖެހެއެވެ. އެއީ އެމީހުން ކިބައިން ނަފާ ލިބިގަތުމަށެވެ. އެމީހުންގެ ކާމިޔާބީގެ ސިއްރުތައް ރަނގަޅަށް ދަނެ ގަތުމަށެވެ. އިހުގައި އަދި ފަހުގައިވެސް، ހުރިހާކަމެއްގައި ފަހުގެ ބާރު ލިބިވޮޑިގެންވަނީ ކަށަކުޅަދުންވަންތަ މާތްﷲއަށެވެ.



ނޯޓު: މިލިޔުމުގެ އަޞްލު ސުރުޚީއަކީ الإنكسار من الداخل މާނައަކީ އެތެރެއިން ހަލާކުވުން މިހެނެވެ. ދިވެހި ބަހަށް ތަރުޖަމާކުރުމުގައި ރީތިކުރުމަށް ސުރުޚީ މަތީގައިވާ ގޮތަށް ބަދަލުކުރީއެވެ.

މުއައްލިފުގެ ކުރު ތަޢާރަފެއް: ޑރ. ޢަބްދުލްކަރީމް އަލްބައްކާރަކީ އިސްލާމީ ތަރުބިއްޔަތުގެ ދާއިރާގައި ފާހަގަކޮށްލެއްވޭ ބޭފުޅެކެވެ. އެބޭފުޅާއަކީ ގިނަ ޢަދަދެއްގެ ފޮތްތައްވެސް ލިޔުއްވާފައިވާ މުފައްކިރެއްވެސްމެއެވެ. މިފާލަމަށް ފިއްތައިލެއްވުމުން އެބޭފުޅާގެ ސައިޓަށް ވަޑައިގެންނެވޭނެއެވެ.


މަޞްދަރު:ޤިއްޞަތުލް އިސްލާމް




ލިޔުއްވީ؛ ޑރ. ޢާއިޟުލް ޤަރްނީ.

ތަރުޖަމާކުރީ: ޝިފްޒާން އަޙްމަދު (ޒާން)

ހިތާމަނުކުރާށެވެ. ދިރިއުޅުމަކީ ތިބާ ހީކުރާވަރަށްވުރެ ކުޑަވަގުތުކޮޅެކެވެ.

ޑޭލް ކާރނޭޖީ އޭނާގެ ފޮތެއްގައި ގޮހޮރުގައި ފާރު ހެދިގެން ދަކުޓަރަށް ދެއްކި މީހެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެފާރުގަނޑުގެ ނުރައްކާތެރިކަމުގެ ސަބަބުން ޑަކުޓަރުން އޭނާ ދުނިޔެ ދޫކުރާނެ ވަގުތުވެސް ކަނޑައަޅައި ބަޔާންކުރިއެވެ. އަދި ކަފުން ތައްޔާރުކުރުމަށް ނަޞޭޙަތްތެރިވިއެވެ. ޑޭލް އިތުރަށް މިވާހަކު ކުރިއަށް ގެންދަމުން ބުންޏެވެ. އެބަލިމީހާގެ ނަމަކީ ހާނީއެވެ. ހާނީ ކުއްލިއަކަށް ހައިރާންކުރުވަނިވި ނިންމުމެއް ނިންމައިފިއެވެ. އޭނާގެ އަމިއްލަ ނަފްސާ މެދުގައި ވިސްނުމަށްފަހުގައި ނިންމިއެވެ. "އަހަރެންނަށް މިދިރިއުޅުމުގައި ކުޑަކުޑަ މުއްދަތެއް މެނުވީ ލިބިފައިނުވެއެވެ. ކޮންމެ ގަތަކުންވެސް މިވަގުތުކޮޅުގެ ފައިދާ ލިބިގަނެ އަރާމު ލިބިނުގަންނަންވީ ކީއްވެ ހެއްޔެވެ؟ އަހަރެން ކުރިއްސުރެ އުންމީދުކުރީ މަރުވުމުގެ ކުރިން ދުނިޔެ ދެކިލުމަށެވެ. ދުނިޔެ ވަށައި ބުރެއް ޖަހައިލުމަށެވެ. އެހެންވިއްޔާ އަހަރެންގެ އުންމީދު ފުރިހަމަކުރަންވީ ވަގުތަކީ މިއީއެވެ." އެންމެފަހުން އޭނާ މިދަތުރުކުރުމަށް ޓިކެޓުވެސް ނަގައިފިއެވެ. އޭނާގެ ޑަކްޓަރުންނަށް ލިބުނީ ބޮޑު ސިހުމެކެވެ. އޭނާގާތުގައި އެމީހުން ބުންޏެވެ. "އަހަރުމެން ކަލެއަށް އިންޒާރުކުރަމެވެ. ތިކަންނުކުރާށެވެ. ތިޔަދަތުރައިގެން ކަލޭ ކުރިއަށް ގޮސްފިނަމަ، ކަލޭ ވަޅުލެވޭނީ ކަނޑުގެ އަޑީގައެވެ. އެހެންނަމަވެސް އޭނާ ޖަވާބުގައި ބުންޏެވެ. އެހެނެއްނުވާނެއެވެ. ތިޔަކަހަލަ ކަމެއް ނުހިގާނެއެވެ. އަހަރެންގެ ގާތްތިމާގެ މީހުންގާތުގައި އަހަރެން ވަޢުދުވެފައިވާނީ ޢާއިލާގެ ޤަބުރުސްތާނު ނޫން އެހެންތަނެއްގައި އަހަރެންގެ ހަށިގަނޑު ވަޅުނުލެވޭނެ ކަމަށެވެ.

الخيامގެ އަންނަނިވި ބަސް އޭނާގެ ކިބައިން ފާޅުވަމުން ދިޔައެވެ.

تعال نروي قصة للبشر و نقطع العمر بحلو السمر

فهذا أطال النوم عمرا وما قصر فى الأعمار طول السهر

މާނައީ: އަންނާށެވެ. މީހެއްގެ ވާހަކަ ކިޔައިލާން އަންނާށެވެ. އަދި ފަރުބައިދައިގެ އަރާމުގައި ޢުމުރު ހޭދަކޮށްލަމާ ބަހީއެވެ.

އަދި މިނިދި އަހަރެމެންގެ ޢުމުރު ދިގުކޮށްފިއެވެ. ރޭގަނޑުގެ ގިނަވަގުތު ހޭލާ ހުރުމުން ޢުމުރުކުރުވެގެން ނުދެއެވެ.

މިބައިތުތަކީ ބުދަށް އަޅުކަން ކުރާ ވަޘަނީއަކު ކިޔާފައިވާ ބައިތުތަކެކެވެ.

އޭނާ އުފާވެރިކަމާއި މަޖަލުގައި އެދަތުރު ފެށިއެވެ. އަދި އޭނާގެ އަނބިމީހާއަށް ސިޓީއެއް ފޮނުވިއެވެ. އެސިޓީގައި ލިޔެފައިވަނީ މިފަދައިންނެވެ. ބޯޓު މަތީގައި އަހަރެން މީރު ރަނގަޅު ކާނާ ކެއީމުއެވެ. އަދި ޅެންތައް ކިޔައި ހެދީމެވެ. ހުރިހާ ބާވަތެއްގެ ކާނާއެއް ކެއީމުއެވެ. މަނާކޮށްފައިވާ ކާނާވެސް ކެވުނެވެ. މިދުވަސްތަކުގައި އަހަރެންގެ ޙަޔާތުގެ ފާއިތުވީ ތަނުގައި ނުލިބޭ އަރާމާއި އުފާ ލިބުނެވެ. ދެން ކަންތައް ހިގައިދިޔައީ ކޮންގޮތަކަށް ހެއްޔެވެ؟

ޑޭލް ކާރނޭޖީ ބުނާގޮތުން އޭނާގެ ބަލި ފަސޭހަވީއެވެ. އަދި އޭނާގެ މިއުސްލޫބަކީ ބަލިތަކަށް ފަރުވާކުރުމާއި ވޭނަށް ލުއިކަމެއް ހޯދުމުގައި މުޖައްރަބު އުސްލޫބެއްކަމުގައި ޑޭލް ބަޔާންކުރެއެވެ!

އަލްޚައްޔާމްގެ ބައިތުތަކުގައިވާ ވާހަކަތަކާ އަޅުގަނޑު އެއްބަހެއް ނޫނެވެ. އެހެނީ އެބައިތުތަކުގައި ރައްބާނިއްޔަ މަންހަޖާ ދުރުވުމަށް ބާރުލިބޭ ވާހަކަތައް އެބަހުއްޓެވެ. މިވާހަކައިން އަޅުގަނޑު ގަސްތުކުޅަކަމަކީ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރުހިގެންހުރުމަކީ ޑަކްޓަރީ ބޭހަށްވުރެ މާރަނގަޅު ފަރުވާއެއްކަން ބަޔާންކުރުމެވެ.

ދެރަނުވާށެވެ. ދިރިހުރުމަށް ބޭނުންވާ މިންވަރު ޙާޞިލުވަނީނަމަ ހިތާމަނުކުރާށެވެ.

އިބްނުއް ރޫމީ ބުނެފައިވެއެވެ.

قرب الحرص مركبا لشقي إنما الحرص مركب الأشقياء

مرحبا بالكفاف يأتى هنيئا و على المتبعات ذيل العطاء

މާނައީ: (މުދަލާމެދު) ޙަސަދަވެރިވުމާ ގާތްވުމަކީ ގެއްލެނެވާ މީހާގެ ސަވާރީއެވެ. ހަމަކަށަވަރުންވެސް މުދަލަށް ދަހިވެތިވުމަކީ ގެއްލެނިވާ މީހުންގެ ސަވާރީއެވެ.

މުދަލުގެ ތެރެއިން ފުދޭ މިންވަރަށް މަރުޙަބާއެވެ. އެމިންވަރު އަންނަނީ ބަރަކާތާއިގެނެވެ. އެއަށްވުރެ އިތުރަށް ފަހުން އަންނަބަ އެއްޗެއްގެ މައްޗަށް ވަނީ ދީލަތިކަމުގެ މަގެވެ.

މާތްﷲގެ ވަޙީ ބަސްފުޅުގައިވެއެވެ. وَمَا أَمْوَالُكُمْ وَلا أَوْلادُكُمْ بِالَّتِي تُقَرِّبُكُمْ عِنْدَنَا زُلْفَى إِلا مَنْ آمَنَ وَعَمِلَ صَالِحًا فَأُولَئِكَ لَهُمْ جَزَاءُ الضِّعْفِ بِمَا عَمِلُوا وَهُمْ فِي الْغُرُفَاتِ آمِنُونَ (٣٧)

މާނައީ: ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޙަޟްރަތަށް ކުއްތަންކުރާ ކަމެއްކަމުގައި ތިޔަބައިމީހުންގެ ދަރިންނާއި މުދާނުވެއެވެ. އެއީ އީމާންވެ ޞާލިޙު ޢަމަލުކުޅަ މީހަކަށް މެނުވީއެވެ. އެބައިމީހުންނީ އެބަޔަކަށް އިތުރުވެގެންވާ ހެޔޮ ދަރުމަ ލިބޭނޭ މީހުންނެވެ. އެއީ އެބައިމީހުން ކުރި ކަންތައްތަކުގެ ސަބަބުންނެވެ. އެބައިމީހުންވަނީ އެބައިމީހުންގެ ގެތަކުގައި އަމާންކަން ލިބިގެންވާ ޙާލުގައެވެ.

ޑޭލް ކާރނޭޖީ ބުންޏެވެ. " ތަފާސް ހިސާބުތަކުން އެގޭ ގޮތުގައި އެމެރިކާގައި މީހުން މަރުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ހާސްވުމެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައި މިލިޔަނެއްގެ ތިންބައިކުޅަ އެއްބައި މީހުން އަހަރުމެންގެ ތެރެއިން މަރުވިއެވެ. މިހަމަ މިދުވަސްތަކުގައި ދެމިލިޔަން މީހުން ހިތުގެ ބަލީގައި ނެތިގެން ދިޔައެވެ. މިދެމިލިޔަން މީހުންގެ ތެރެއިން އެއްމިލިޔަން މީހުންގެ ބަލި އުފެދިގެންއައީ ހާސްކަމާއި ކަންބޮޑުވުމާއި ބިރުގަތުމުގެ ތެރެއިންނެވެ.

އާއެކެވެ. ހިތުގެ ބަލިތަކަކީ ޑަކްޓަރ އެލެކްސިސް ކާރެލްއަށް އަންނަނިވި ލަފްޒުތައް ވިދާޅުވަން ޖެހިވަޑައިގަތް ސަބަބެކެވެ. " މަސައްކަތްކުރާ މީހުންގެ ތެރެއިން ހާސްކަމާއި ކުރިމަތިލާން ނޭނގޭ މީހުން އަވަހަށް މަރުވާނެއެވެ."

އަދި ސަބަބު ރަނގަޅަށް އެގެއެވެ. އަޖަލަކީ ކަނޑައެޅި ނިމިފައިވާ ކަމެކެވެ. وَمَا كَانَ لِنَفْسٍ أَنْ تَمُوتَ إِلا بِإِذْنِ اللَّهِ كِتَابًا مُؤَجَّلا

މާނައީ: އެއްވެސް ނަފްސަކަށް މާތްﷲގެ އިޛުނަފުޅާ ނުލައި މަރުވުން ޖާއިޒުވެގެންނުވެއެވެ. އެއީ ފަސްކުރެވިފައިވާ ނިންމެވުމެކެވެ.

އެމެރިކާގެ ކަޅުމީހުންނާއި ޗައިނާމީހުން ބަލިވަނީ ނިސްބަތުން މަދުންނެވެ. މިބައިމީހުންނަކީ ދިރިއުޅުން ލުއިކޮށް މާނަކުރާ ބައެކެވެ. ހިތް ހުއްޓިގެން މަރުވާ ޑަކުޓަރުންގެ ޢަދަދު ހަމަ އެކަމުގެ ސަބަބުން މަރުވާ ދަޑުވެރިންގެ ޢަދަދަށްވުރެ ވިހި ގުނަ އިތުރުކަން ތިބާއަށް އެގޭނެއެވެ. ޑަކުޓަރުންގެ ދިރިއުޅުމަކީ ހާސްކަމާއި ހަމަނުޖެހުމުން ފުރިގެންވާ ދިރިއުޅުމުކެވެ. އެފަދަ ދިރިއުޅުމެއްގެ އަގު އެބައިމީހުން ދެނީ ވަރަށް ބޮޑުކޮށެވެ. (( طبيب يداوى الناس و هو عليل)) ބަލި ޙާލުގައިހުރެ މީހުންނަށް ފަރުވާކުރާ ދަކުޓަރެކެވެ.

ނޯޓު: މިލިޔުމަކީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ދާޢީއެއް ކަމުގައިވާ ޑރ.ޢާއިޟުލް ޤަރަނީ ލިޔުއްވި ވަރަށް މަޝްހޫރު ފޮތެއްކަމުގައިވާ "ލާތަޙްޒަން" މިފޮތުން ހޮވާލައިފައިވާ ބައެއް ލިޔުންތަކުގެ ތަރުޖަމާއެވެ.

ފޮތުގެ ނަމުންވެސް އެގި ބަޔާންވާ ފަދައިން މިފޮތަކީ ހިތްތަކާ މުޚާޠަބުކުރާ ފޮތެކެވެ. ހިތާމައާއި އުދާހާއި މޮޅިވެރިކަން އިޙުސާސްކުރާ ކޮންމެ ހިތަކާ މުޚާޠަބުކުރާ ފޮތެކެވެ.

އަޅުގަނޑު މިތަރުޖަމާކުރަނީ ފޮތުގެ އެކި ހިސާބުން އެކި ލިޔުންތަކެވެ. ފޮތް ފަށައިގެންނެއް ނޫނެވެ. އަދި މިފޮތުގައި ހުރި ބައެއް ޢަރަބި ޅެންތައް ދިވެހި ބަހަށް ތަރުޖަމާކުރުމުގައި އެންމެ ރީތި ޢިބާރާތުން ތަރުޖަމާކުރެވިފައިނެތުމީ އަޅުގަނޑުގެ ނުކުޅެދުންތެރިކަމެވެ. އަދި އިޞްލާޙުކޮށްލައްވަން ފެނިވަޑައިގަންނަވާ ކަމެއް ފާހަގަކުރެއްވިއްޖެނަމަ އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ކުރިއަށް ތަރަހަ

ފަހުގެ ލިޔުން

↑

ފަހުގެ ޚިޔާލު

ބްލޮގްތަކުން

  • Mohamed Shafiu
    ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް - މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا ...
  • އިބްން އަބްދުލްރަހްމާން ޅޮހި
    ހަރޯދައިގެ މާތްކަން އަދި ޤަޟާ ރޯދައިގެ ކުރިން ހަރޯދަ ހިފިދާނެތަ؟ - عبد الرحيم الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد: ޝައްވާލު މަހުގެ ހަރޯދަ ހިފުމަކީ ވަރަށް މަތިވެރިވެގެންވާ އަޅުކަމެކ...
  • ދި - ލިޔުން
    ދިވެހިރާއްޖޭގެ ތަޢުލީމީ ކަލެންޑަރު 2015 - Maldives Academic Calendar 2015 [މި ސައިޓަށް ސަބްސްކްރައިބް ކުރެއްވީތީ ތިޔަބޭފުޅާއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ! ބައެއް ބައިތައް ( މިސާލަކަށް ވީޑ...
  • Maldivian Pearls
    -

ފޭސްބުކުގައި ތަރަހަ

2011 Tha-ra-ha. All rights reserved.